ސުއޫދީ އަރަބިއްޔާއާއި ޕާކިސްތާނާއެކު ތުރުކީން ސޮއިކުރި "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" އަކީ އީރާނާ ދެކޮޅަށް އަމާޒުކޮށްގެން އެކުލަވާލި އެއްބަސްވުމެއް ނޫން ކަމަށާއި، އެ އެއްބަސްވުމުގައި އެއްވެސް ގައުމަކީ ވަކި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާނެ ކަމަށް ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާން ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ސުއޫދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސައިންކުރެއްވި މި އެއްބަސްވުމުގައި، އެ ތިން ގައުމުން ކުރެ ގައުމަކަށް ދޭ އަސްކަރީ ހަމަލާއަކީ މުޅި އިއްތިހާދަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ފިދާން ފާހަގަކުރެއްވި ގޮތުގައި، ނޭޓޯގެ އާޓިކަލް 5 އާ އެއްގޮތް އުސޫލުތަކެއް ހިމެނޭ މި އެއްބަސްވުމަކީ ވޭތުވެދިޔަ ދެ އަހަރާއި އަށް މަސްދުވަހުގެ މަޝްވަރާތަކަށްފަހު އެކުލަވާލެވުނު އެއްބަސްވުމެކެވެ. އެހެންކަމުން މިއީ މިހާރު ސަރަހައްދުގައި އީރާނާ ގުޅިގެން އުފެދިގެން އުޅޭ ނުތަނަވަސްކަމާ ގުޅިގެން ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން އަސްކަރީ ތަމްރީނުތަކާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ދިފާއީ އުފެއްދުންތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން ސުއޫދީ އަރަބިއްޔާގައި ޚާއްސަ ސެކްރެޓަރިއެޓެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމާ ގުޅިގެން އީރާނުގެ މަޖިލީހުގެ ގައުމީ ސެކިއުރިޓީ ކޮމިޓީގެ މެންބަރުން ވަނީ ސުއޫދީ އަރަބިއްޔާއިން އެހެން ގައުމުތަކާއެކު ދިފާއީ ގުޅުން ބަދަހިކުރިޔަސް އެއީ ސެކިއުރިޓީ ކަށަވަރުވާނެ ކަމެއް ނޫން ކަމަށް ބުނެ، މިއީ ހަމައެކަނި "ކާގަޒީ އެއްބަސްވުމެއް" ކަމަށް ސިފަކޮށްފައެވެ. ނަމަވެސް، ތުރުކީގެ ހާރިޖީ ވަޒީރު ވިދާޅުވީ އިސްލާމީ ގައުމުތަކުގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް ބޭރުގެ ބާރުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ސަރަހައްދީ ގައުމުތައް ގުޅިގެން ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.




