ސިންގަޕޫރު މެލޭޝިއާއިން ވަކިވެ، މިނިވަން ޤައުމަކަށްވީ ދުވަހާ ގުޅުވައިގެން ފާހަގަކުރާ އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ އާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމިޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ޤައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ވަނީ ރައްދުކުރައްވާފައެވެ. ރައީސްގެ މެސެޖުގައި، ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުމަކީ ދެޤައުމުގެ މެދުގައިވާ އިތުބާރާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ، އަދި ސަރަޙައްދީ ސުލްހައާއި ކުރިއެރުމަށް މަސައްކަތްކުރާ ނަމޫނާ ގުޅުމެއްކަން ފާހަގަކުރައްވައި، ސިންގަޕޫރުގެ އެއްބައިވަންތަކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމަށް ބަލާއިރު، ރާއްޖެއާއި ސިންގަޕޫރާ ދެމެދު ރަސްމީކޮށް ގުޅުން ޤާއިމްކޮށްފައިވަނީ 20 ފެބުރުވަރީ 1975 ގައެވެ. މި ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ވޭތުވެދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ކުރެވި، ޤާބިލުކަން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ތިމާވެށީގެ ދާއިރާއިން މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި މި ދަތުރުގެ ތެރެއިން ބޭއްވި 'ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމް' ގައި ދެ ޤައުމުގެ 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވެ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ.



