ލ. އަތޮޅުން ފުރައިގެން ހުވަދޫ އަތޮޅަށް ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް، ރާޅެއް އަރައި ދިޔަވެ ބަންޑުން ޖަހާލައި އަޑިއަށްދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
މި މަހުގެ 5 ވަނަ ދުވަހުގެ ރޭ 22:37 އެހާކަންހާއިރު ހިނގި މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެ ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫނެވެ.
މި ހޯދުމުގެ ފުޅާ އޮޕަރޭޝަނުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން ވިދާޅުވީ، ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެ މަގުން 6,112 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ އިރު، ކަނޑުމަގުން 1,370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާ ފާސްކޮށްފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ގެއްލުނު އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ. އެމްއެންޑީއެފުން އިތުރަށް ބުނެފައިވާ ގޮތުގައި އެ ދޯނި އަޑިއަށް ދިޔަ ކަމަށް ބުނާ ސަރަހައްދަކީ ގާތްގަނޑަކަށް 1,645 މީޓަރުގެ ފުން ސަރަހައްދެކެވެ.




