މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ބައިނަލްއަގުވާމީ ފްލައިޓުތަކުގެ އަދަދު 4.7 އިންސައްތަ ދަށަށް ގޮސްފިއެވެ.
މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 8،807 ފްލައިޓު ރާއްޖެއަށް އައިސްފައިވީ ނަމަވެސް، މިއަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 8،393 ފްލައިޓެވެ. ފްލައިޓުތަކުގެ އަދަދު ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ތާވަލުކުރެވިގެން ދަތުރުކުރާ ފްލައިޓުތައް މަދުވުމެވެ. އެގޮތުން ތާވަލު ފްލައިޓުތަކުގެ އަދަދު 8،088 އިން 7،352 އަށް ދަށްވި ނަމަވެސް، ޗާޓަރު ފްލައިޓުތަކާއި ޕްރައިވެޓް ޖެޓުތައް އައި އަދަދު ވަނީ 719 އިން 1،041 އަށް އިތުރުވެފައެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މެދުއިރުމަތީގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުބާއީއާއި އަބޫދާބީ އަދި ގަލްފުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުމުން، އެމިރޭޓްސް، އިއްތިހާދު އަދި ފްލައިދުބާއީ ފަދަ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ވަނީ ކެންސަލްކުރަން ޖެހިފައެވެ. ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންނަކީ އެ ސަރަހައްދުތަކުން ޓްރާންސިޓްވެގެން އަންނަ ފަރާތްތަކަށްވާތީ، މީގެ ނޭދެވޭ އަސަރު ފަތުރުވެރިން އައި އަދަދަށް ވަނީ ކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 1.11 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިއިރު، މިއަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 1.05 މިލިއަން ފަތުރުވެރިންނެވެ. އަދި ރާއްޖެ އައި ފަތުރުވެރިން އެވަރެޖުކޮށް ހޭދަކޮށްފައިވަނީ ހަފުތާއެއްހާ ދުވަހެވެ.



