އާރުޑީސީ އެމްޑީ ނ. އަތޮޅަށް: މަޝްރޫޢުތަކުގެ މަސައްކަތް ގާތުން ބައްލަވާލައްވައިފި!

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ނޫނު އަތޮޅުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށްޓަކައި އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އާއި ކުންފުނީގެ އިސްވެރިންގެ ޓީމެއް ނ. ކެނދިކުޅުދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ދަތުރުފުޅުގައި ކެނދިކުޅުދޫ ސައިޓުގައި މަސައްކަތްކުރާ އާރުޑީސީގެ މުވައްޒަފުން ވަނީ މެނޭޖިންގ ޑިރެކްޓަރަށާއި އިސްވެރިންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެއަށްފަހު، އެރަށު ސައިޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި، މަސައްކަތްތައް އަވަސްކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
 

އާރުޑީސީން ނޫނު އަތޮޅުގެ ތަރައްޤީއަށްޓަކައި މުހިންމު މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން ނ. އަތޮޅުގެ 3 ރަށެއްގައި ބޮޑެތި މަގު ހެދުމުގެ މަޝްރޫޢުތައް ކުރިއަށްދެއެވެ.

އޭގެ ތެރޭގައި ކެނދިކުޅުދޫގެ ބޮޑެތި މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން ނ. މަނަދޫ އަދި ނ. ހޮޅުދޫގެ ބޮޑެތި މަގުތައް ހެދުމުގެ މުހިންމު މަޝްރޫޢުތައް ހިމެނެއެވެ. މީގެ ތެރެއިން ކެނދިކުޅުދޫ މަގުހެދުމުގެ މަޝްރޫޢަކީ 8 މަގެއްގެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފެންހިނދާ ނިޒާމާއި މަގުބައްތި ޖެހުން ފަދަ އެކި މަސައްކަތްތައް ހިމެނޭގޮތަށް 90 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓަކުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ.
 

މި ދަތުރުފުޅަކީ އަތޮޅުތަކުގައި ކުރިއަށްދާ މަޝްރޫޢުތައް ތާވަލާ އެއްގޮތަށް އަދި ފެންވަރު ރަނގަޅުކޮށް ނިންމުމަށްޓަކައި އާރުޑީސީގެ އައު މެނޭޖްމަންޓުން ސައިޓުތަކަށް ޒިޔާރަތްކޮށް މަސައްކަތްތައް ގާތުން ބެލެހެއްޓުމުގެ ގޮތުން ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

އާރުޑީސީގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ މަގުތަކުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދީ، މަޝްރޫޢުތައް އެކަށީގެންވާ އަވަސްމިނެއްގައި ނިންމާލުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް