އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޢުލޫމާތު ދޭ ގޮތުގައި، އުމްރާވެރިން ފުރުމުގައިވެސް ހާއްސަ ފިޔަވަޅުތަކެއް އެޅިފަދައިން، އެނބުރި އަންނަ ވަގުތުވެސް ދަތުރުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތް ދިނުމަށް ވަނީ ރޭވިފައެވެ.
ސްކޫލް ބަންދާ ދިމާކޮށް މިދިޔަ ޖުލައި މަހު އެކަނިވެސް 5،565 އަށްވުރެ ގިނަ ދިވެހިން ވަނީ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ.
މީގެ ކުރިން އާންމުކޮށް ބޮޑެތި މީހުން އެކަނި އުމްރާއަށް ދިޔަ ނަމަވެސް، މިހާރު މުޅި އާއިލާ އެކީގައި ދިއުމުގެ އާދަ ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އެންމެ ގިނަ ބަޔަކު ދަތުރުކުރި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު އެކަނިވެސް 1،200 އަށްވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކޮށްފައިވާއިރު، އެ ކުންފުނީގެ ފަހު ގްރޫޕް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައިސްފައެވެ.
އުމްރާވެރިން އެނބުރި އަންނަން ފެށުމާއެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސިއްހީ ރައްކާތެރިކަމުގެ އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން، އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އެދިފައެވެ. އަދި ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، ގިނަގިނައިން އަތްދޮވުމުގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، އަރިދަފުސް ރޯގާގެ އަލާމާތެއް ހުރެޖެނަމަ މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.



