މާލޭގެ އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫއާ ގުޅުވައިގެން "އަސްލު ޓީވީ" އިން އާންމުކޮށްފައިވާ ވީޑިއޯ ރިޕޯޓަކީ އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ރިޕޯޓެއް ކަމަށް ބުނެ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެކަން ދޮގުކޮށްފިއެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް، އެމްޓީސީސީގެ އިޙުމާލާއި، ރައްޔިތުން ރަތަށް" މި މައުޟޫއަށް ގެނެސްދިން ރިޕޯޓަކީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތް، ބުޚުތާނު ދޮގުތަކެއްގެ މައްޗަށް އެކުލެވޭ ރިޕޯޓެއް ކަމަށެވެ.
އެ ކުންފުނިން އިތުރަށް ފާހަގަކުރި ގޮތުގައި، މިފަދަ ހަގީގަތާ ހިލާފު ރިޕޯޓެއް ޝާއިއުކުރުމުގެ މައިގަނޑު މަގުސަދަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތުން އެމްޓީސީސީން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތި ނަން ކިލަނބުކޮށްލުމެވެ. އަދި މިއީ ކުންފުންޏާއި ރައްޔިތުންނާ ދެމެދު ފިތުނަ އުފައްދައި، ކުންފުނީގެ ޙިއްޞާދާރުންނާއި ކަސްޓަމަރުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
އަމީނީ މަގުގެ މަސައްކަތުގެ ހަގީގަތް ސާފުކޮށްދެމުން އެމްޓީސީސީން ބުނީ، އެ މަގުގައި އެ ކުންފުނިން ކޮށްފައިވާ ހަމައެކަނި މަސައްކަތަކީ ހެންވޭރު ކޮޅުން ކުރީގެ މެރިން ރިސާޗް ސެންޓަރު ކަންމަތިން ފެށިގެން ސްޓެލްކޯއާ ދިމާވާ ސަރަހައްދާ ހަމައަށް ސަބްބޭސް ހަދައި ތާރު އެޅުން ކަމަށެވެ. ފެބްރުއަރީ 9، 2023 ގައި ހަވާލުކުރެވުނު މި މަސައްކަތް އެންމެ 7 ދުވަހުގެ ތެރޭގައި، އެއީ ފެބްރުއަރީ 16، 2023 ގައި ނިންމާލާފައިވާ ކަމަށާއި، ކުންފުނިން ކުރާ ކޮންމެ މަސައްކަތެއްވެސް ކުރަނީ ފަންނީ މާހިރުންގެ ލަފަޔާއި ތަޖުރިބާއާ އެކު ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މިފަދަ އަސާސެއް ނެތް ވާހަކަތަކުގެ ސަބަބުން ކުންފުންޏާއި، ކުންފުނިން ހިންގާ ތަރައްގީގެ މަޝްރޫޢުތަކާ މެދު އޮތް އިތުބާރު ގެއްލިގެން ދިއުމަކީ އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެއް ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. އަދި ރައްޔިތުންގެ ކުންފުނީގެ ހައިސިއްޔަތުން އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.



