ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދެމުންއަންނަ "ރަންލާރި" އެވޯޑް 20 ފަރާތަކަށް އަރުވައިފިއެވެ.
މީރާއިން މި އެވޯޑް ދީފައިވަނީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރު އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމައަށް އަދާކޮށް، އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ. މީރާއަށް 16 އަހަރު ފުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި އެވޯޑް 12 ގިންތިއަކުން 20 ފަރާތަކަށް ވަނީ ހަވާލުކޮށްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ޖީއެސްޓީއާއި ގްރީން ޓެކްސް ދެއްކި ރިސޯޓްތަކުގެ ތެރެއިން 150 އެނދަށްވުރެ ދަށުގެ ގިންތިން އެވޯޑް ހާސިލްކުރީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއެވެ. އަދި 151 އެނދާއި 250 އެނދުގެ ގިންތިން ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް އެވޯޑް ހޯދިއިރު، 250 އެނދަށްވުރެ ގިނަ އެނދު ހުރި ރިސޯޓްތަކުގެ ތެރެއިން އެވޯޑް ލިބިފައިވަނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިއަށެވެ. މީގެއިތުރުން ޓޫރިސްޓް ހޮޓާ ގިންތިން ހުޅުލެ އައިލެންޑް ހޮޓެލްއަށް އެވޯޑް ލިބުނުއިރު، ގެސްޓްހައުސް ގިންތިން އެވޯޑް ހާސިލްކުރީ ސަމަން ގްރޭންޑްއެވެ. ޓޫރިސްޓް އުޅަނދުގެ ގިންތިން ވިލަމެންދޫ އިންވެސްޓްމަންޓްގެ "ގޮމަފުޅު" އުޅަނދަށް އެވޯޑް ލިބުނުއިރު، ޓްރެވެލް އެޖެންސީގެ ބައިން އެވޯޑް ހޯދީ އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުގެ ގިންތިން އެވޯޑް ހޯދާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ. އަދި އެއާޕޯޓް ޓެކުހާއި ފީ އެންމެ ގިނައިން ދައްކައިގެން އެވޯޑް ހާސިލްކުރީ އިއްތިހާދު އެއާވޭސްއެވެ. އާމްދަނީން ނަގާ ޓެކްސް ބޭންކު ގިންތިން އެންމެ ގިނައިން ޓެކްސް ދައްކައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވޯޑް ހޯދިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެވޯޑް ލިބުނީ ދިރާގަށެވެ. މީގެއިތުރުން، އާމްދަނީން ނަގާ ޓެކްސް ފަރުދުން ނޫން އެހެން ފަރާތްތަކުގެ ގިންތިއާއި، ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީ އެންމެ ގިނައިން ދެއްކި ފަރާތްތަކުގެ އަގުވެސް މީރާއިން ވަނީ ވަޒަންކޮށްފައެވެ.



