އާރުޑީސީ އިން އއ. އަތޮޅަށް ވެހިކަލް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އާރުޑީސީ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އއ. އަތޮޅުގެ ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ އުޅަނދުތަކާއި މެޝިނަރީތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ.

މިގޮތުން އެ އަތޮޅުގެ ތޮއްޑޫ، ހިމަންދޫ، މާޅޮސް އަދި ރަސްދޫއަށް ބޭނުންވާ ހެވީ ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ އެކްސްކަވޭޓަރާއި ފޯކްލިފްޓާއި ލޮރީ ފަދަ ތަކެތި ފޮނުވުމުގެ މަސައްކަތް ވަނީ  ކުރިއަށް ގޮސްފައެވެ. މިއާއެކު އެ ރަށްރަށުގައި ހުރި މަގުހެދުމުގެ މަޝްރޫއުތައް އަވަހަށް ފެށިގެންދާނެ ކަމަށް އާރުޑީސީން މައުލޫމާތު ދެއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އއ. ތޮއްޑޫ، އއ. ހިމަންދޫ، އއ. މާޅޮސް އަދި އއ. ރަސްދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ދިމާވި އެންމެ ބޮޑު ދަތިކަމަކީ ވަސީލަތްތައް ނެތުން ކަމަށްވާތީ، ސަރުކާރުން ވަނީ ޗައިނާގެ ކުންފުންޏަކާ ގުޅިގެން 200 އަށްވުރެ ގިނަ އުޅަނދާއި މެޝިނަރީ ރާއްޖެއަށް ގެނެސްފައެވެ. އަދި މި ތަކެތި ބޭނުންކުރުމަށް އާރުޑީސީގެ މުވައްޒަފުންނަށް ޚާއްސަ ޓެކްނިކަލް ތަމްރީނުތަކެއްވެސް ވަނީ ދީފައެވެ.

އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ 55 ރަށަކަށް އިތުރު އުޅަނދުތައް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް ތ. މަޑިފުށި، ގުރައިދޫ، ދ. މީދޫ އަދި އައްޑޫ ސިޓީގެ މަޝްރޫއުތަކަށް ބޭނުންވާ އުޅަނދުތައް އެ ކުންފުނިން ވަނީ ފޮނުވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް