ދާރުލްއަރަގަމް ވަގުފް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ "ދާރުލްއަރަގަމް" ވަގުފް އިމާރާތުގެ އަމަލީ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އިން ފަށައިފިއެވެ.

އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މާލޭގައި ގާއިމުކުރާ މިއީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ 12 ބުރީގެ އިމާރާތެކެވެ.

މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑް ފްލޯ ހާއްސަކުރެވިފައިވަނީ ވާކިންގް އަދި ޕާކިންގް އޭރިއާއެއްގެ ގޮތުގައެވެ. ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނައިރު، ދެވަނަ ބުރީގައި ފުރިހަމަ ކޮންފަރެންސް ހޯލެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، އިމާރާތުގެ ފުރަތަމަ ބުރިން ފެށިގެން 12 ވަނަ ބުރިއާ ހަމައަށް ޒަމާނީ އޮފީސް ޖާގަތަކާއި، މީޓިން ރޫމްތަކުގެ އިތުރުން ނަމާދުކުރާނެ ހާއްސަ ކޮޓަރިތައް ހިމެނެއެވެ. އަދި އިމާރާތުގެ ރޫފްޓޮޕް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުވާލެވިފައިވާ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އުޅެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި ލިފްޓު ބަހައްޓައިގެން ކުރިއަށްދާ މި މަޝްރޫއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ފައިނޭންސްގެ ދަށުން ފަންޑުކޮށްގެން ހިންގާ މަޝްރޫއެކެވެ. ޖުމްލަ 39،462،545.08 ރުފިޔާ ހަރަދުވާ މި އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް