މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ކަމާގުޅޭ މުހިންމު ސްޓޭކްހޯލްޑަރުންނާއެކު ހޮޓެލް ޖެންގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ޝިޕިން އޭޖެންޓުންނާއި، އެއާލައިން އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވާޑަރުން ބައިވެރިވެ، އާ ބަނދަރުގެ އޮޕަރޭޝަންތަކާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.
މިއީ ތިލަފުށީގައި ތަރައްގީކުރާ އާ ބަނދަރުން ހިދުމަތް ހޯދާ ފަރާތްތަކުގެ ހިޔާލާއި ބޭނުންތައް ދެނެގަތުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. ހާއްސަކޮށް "ސީ-ޓު-އެއާ ކާގޯ" ނުވަތަ ކަނޑުމަގުން އަންނަ މުދާ ވައިގެ މަގުން ފޮނުވުމުގެ ހިދުމަތްދޭ ފަރާތްތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދު ހޯދުން މި ބައްދަލުވުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ.

ބައިވެރިން ވަނީ ބަނދަރު ހުޅުވުމާއެކު އަމަލީ ގޮތުން ހިދުމަތް ދިނުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި، ހިދުމަތްތައް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އަގުހުރި ހިޔާލުތަކެއް ހިއްސާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫއަކީ މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ތިލަފުށީގައި ގާއިމުކުރާ މި ބަނދަރު ވެގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު 24 ގަޑިއިރު ހިދުމަތް ލިބޭނެ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕާޕަސް ބަނދަރަކަށެވެ. އެމްޕީއެލްގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މި ބަނދަރުގެ ހިދުމަތް ރަސްމީކޮށް ފެށުމެވެ.
މި މަޝްރޫއާ ގުޅިގެން އެމް.ޕީ.އެލް އިން މީގެކުރިން ވަނީ ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި، މުއައްސަސާތަކުގެ އިތުރުން ޢާންމު ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާގައި ހިމެނޭ އެހެނިހެން ސްޓޭކްހޯލްޑަރުންނާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.




