އައިޖީއެމްއެޗްގެ އީއާރު ކޮރިޑޯ މަރާމާތަށް ބަންދުކޮށް، ހިދުމަތްތަކަށް ބަދަލެއް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އިމަޖެންސީ ރޫމް (އީއާރު) ކައިރީގައިވާ ކޮރިޑޯގެ ފްލޯރިންގް ބަދަލުކުރުމުގެ މަރާމާތްތަކެއް ކުރުމަށްޓަކައި، އެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި، މި މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެން މާދަންރޭ ދަންވަރު 12:00 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދު ބަންދުކުރެވިފައި އޮންނާނެތީ، ބަލިމީހުންނާއި އާންމުންނަށް ދަތިނުވާނެ ފަދަ އިންތިޒާމުތަކެއް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މަރާމާތުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި އީއާރުއަށް ވަދެނުކުމެ ހެދުމަށް ބޭނުންކުރާނީ އީއާރުގެ ފުރަގަހުގައި، ވެންޑިން މެޝިން ކައިރީގައި ހުންނަ ދޮރެވެ.

މީގެ އިތުރުން، އީއާރުގެ ގްރީން ޒޯނުން ދެމުންގެންދާ ހިދުމަތްތައް ވެސް މި މުއްދަތުގައި ވަގުތީގޮތުން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި، ގްރީން ޒޯންގެ ހިދުމަތްތައް ދެން ކުރިއަށްދާނީ އެ ހޮސްޕިޓަލުގެ "ލުއިބުއިން" ސަރަހައްދުގައި ހުންނަ ޖެނެރަލް އޯޕީޑީ ރޫމްތަކުގައެވެ.

މި މަރާމާތަކީ ހޮސްޕިޓަލުގެ ވަސީލަތްތައް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ. އަދި މި މަސައްކަތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އައިޖީއެމްއެޗުން ވަނީ މައާފަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް