ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ބޯހިޔާވަހިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ހަރަކާތް، "މޯލްޑިވްސް ލިވިން އެކްސްޕޯ" ގެ 14 ވަނަ އެޑިޝަން މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
ހައި ރައިޒް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި މައުރަޒު ހުޅުވައިދިނީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯއަކީ ޒަމާނީ ދިރިއުޅުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް ދާއިރާގެ މަޝްހޫރު ބްރޭންޑްތަކާއި، ޑިވެލޮޕަރުންގެ އިތުރުން މާލީ އިދާރާތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވާ ދިރުންހުރި މާހައުލެކެވެ.
އިންތިޒާމުކުރާ ފަރާތުން ހާމަކުރި ގޮތުގައި، މި އަހަރުގެ އެކްސްޕޯގައި ރިއަލް އެސްޓޭޓް، ކޮންސްޓްރަކްޝަން، އިންޓީރިއާ ޑިޒައިން، ސްމާޓް ހޯމް ޓެކްނޮލޮޖީ އަދި ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ ހައްލުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފައިނޭންސް، އިންޝުއަރެންސް އަދި ލައިފްސްޓައިލް އުފެއްދުންތަކުގެ އެންމެ ފަހުގެ އީޖާދުތައް ވެސް މި މައުރަޒުން ފެންނަން ހުންނާނެއެވެ. އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސިނާއަތުގެ މާހިރުންނާ ސީދާ ބައްދަލުކޮށް، ހަމައެކަނި މި މައުރަޒަށް ޚާއްސަކޮށްގެން ހުށަހަޅާ ޚާއްސަ ފުރުސަތުތަކާއި އޮފާތަކުގެ ފައިދާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި އަހަރުގެ އެކްސްޕޯގެ މައިގަނޑު ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. ކޯ-ސްޕޮންސަރުންގެ ގޮތުގައި ބްލޫ ލެގޫން ބައި ވީސީއައިއެލް އަދި ލިއޯ ހޯމްސް ހިމެނޭއިރު، ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. މީގެ އިތުރުން އެލައިޑް އިންޝުއަރެންސް، އޫރިދޫ މޯލްޑިވްސް، ޕްރިންޓް ލެބް އަދި ކޮކާކޯލާ ފަދަ ގިނަ ކުންފުނިތަކަކުން ވެސް މި ހަރަކާތުގައި އެކި ދާއިރާތަކުން ބައިވެރިވެއެވެ.
އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، މި މައުރަޒަކީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވައިދިނުމުގެ އިތުރުން، ބޯހިޔާވަހިކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ދާއިރާތަކުން އައު ގުޅުންތައް ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. މައުރަޒުގެ ތެރެއިން މާހިރުންގެ މަޝްވަރާތަކާއި، ނަސީބުވެރިން ހޮވުމުގެ ގުރުއަތުލުންތަކުގެ އިތުރުން އާއިލާތަކަށް ޚާއްސަ މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެވެ.
ކުރިއަށް އޮތް ތިން ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯ އާންމުންނަށް ހުޅުވާލެވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ތަންކޮޅެކެވެ. ރާއްޖޭގެ ބޯހިޔާވަހިކަމުގެ ބާޒާރުގައި ހުރި އައު ފުރުސަތުތައް ދެނެގަތުމަށް ވިޔަފާރިވެރިންނަށާއި، އިންވެސްޓަރުންނަށާއި، އަމިއްލަ ގެދޮރު ބިނާކުރަން ބޭނުންވާ އެންމެހައި ފަރާތްތަކަށް ހައިރައިޒްއިން ވަނީ ދައުވަތު އަރުވާފައެވެ.




