ވަގު މުދާ ނުއަގުގައި ގަންނަކަމުގެ ތުހުމަތުގައި ހައްޔަރުކުރި މަރަދޫ، ފާގަތިގެ، ޢަބްދުﷲ ޢުމަރު (58 އަހަރު)

އައްޑޫ ސިޓީގެ އެކި ގޭގޭއިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ނުއަގުގައި ގަންނަމުންދިޔަ ކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މަރަދޫ، ފާގަތިގެ، ޢަބްދުﷲ ޢުމަރު (58 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 5 ވަނަ ދުވަހުއެވެ.

ފުލުހުން މަރަދޫ ފާގަތިގެ ބަލައިފާސްކުރިއިރު، އެ ގެއިން ވަނީ ވަގަށް ނަގައިގެން ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގޭއިން އެކި މީހުން ވަގަށް ނަގައިގެން އޭނާއަށް ވިއްކާފައިވާ ތަކެއްޗެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕަވަރ ޓޫލްތަކާއި، ކާޗަރ މެޝިނާއި، ސްޕީކަރާއި، ލައިޓުތަކުގެ އިތުރުން ގޭގޭގައި ބޭނުންކުރާ އެހެނިހެން ސާމާނުތައް ހިމެނެއެވެ. ފުލުހުން ވަނީ އެ ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރު ދެނެގަނެ، އެ ތަކެތީގެ ޙައްޤުވެރި ފަރާތްތަކާ ހަވާލުކޮށްފައެވެ.

މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގުކުރަމުންދާއިރު، ފުލުހުން ވަނީ އާންމުންނަށް މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެގޮތުން، ވަގަށް ނަގައިގެން އެކި މީހުން ނުއަގުގައި ވިއްކާ ތަކެތި ނުގަތުމަށާއި، އެފަދަ ތަކެތި ނުއަގުގައި ވިއްކަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތުކުރެވޭނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ. ވަގަށް ނަގާ ތަކެތި ގަންނަ ފަރާތްތަކާމެދުވެސް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް