މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުން ކުރި ހަރަދުތައް 1.3 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުއާޓާލީ ރިޕޯޓުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 44 ޕަސެންޓުގެ އިތުރުވުމެކެވެ. ހަރަދުތައް މިހާ ބޮޑަށް އިތުރުވީ ދައުލަތުގެ ހިންގުމުގެ ހަރަދުތައް ބޮޑުވެ، ރިކަރަންޓް ހަރަދަށް 1.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 190 މިލިއަން ރުފިޔާ އިތުރުވުމުގެ ސަބަބުންނެވެ.
ދައުލަތުގެ ހަރަދުތައް އިތުރުވި ނަމަވެސް، ޖުމްލަ ދަރަންޏަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާއާ ހަމައަށް ދައުލަތުގެ ދަރަނި ހުރީ 135 ބިލިއަން ރުފިޔާގައެވެ.
މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 110 ޕަސެންޓެވެ. މިދިޔަ އަހަރު ނިމުނުއިރު ދަރަނި ހުރީ ޖީޑީޕީގެ 113 ޕަސެންޓުގައެވެ. ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްވި ނަމަވެސް، ޑޮމެސްޓިކް ދަރަނި ނުވަތަ ޓީބިލާއި ބޮންޑު ވިއްކި މިންވަރު އިތުރުވުމުން ޖުމްލަ ދަރަނި ވަނީ ހިފެހެއްޓިފައެވެ. މީގެއިތުރުން، ދައުލަތުގެ އާމްދަނީ ވަނީ 15 ޕަސެންޓަށް އިތުރުވެ، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 457 މިލިއަން ރުފިޔާ އިތުރުވެފައެވެ.




