ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހަނިމާދޫގައި ޚާއްޞަ ސެންޓަރެއް ހުޅުވައިފި

ކުދި ރުކުމަޑިއަށް ގުދުރަތީގޮތުން ހަމަލާދޭ ތިމާވެއްޓާ ރައްޓެހި ސޫފާސޫފި އާލާކުރުމަށްޓަކައި ގާއިމުކުރި "ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރިއާރިން ސެންޓަރު" ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައިދެއްވީ މިނިސްޓަރު އަހުމަދު ޝިޔާމާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. މިއީ ޗައިނާ ސަރުކާރާއި އެގްރިކަލްޗާ މިނިސްޓްރީއާ ދެމެދު މިދިޔަ އަހަރުގެ ޖުލައި 14 ގައި ސޮއިކުރެވުނު "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްގީކުރި ވަސީލަތެކެވެ.
 

މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ސޫފާސޫފިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. އެގޮތުން، ޕެސްޓަށް ހަމަލާދޭ ފައިދާހުރި ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް) އާލާކޮށް ބަލިޖެހިފައިވާ ސަރަހައްދުތަކަށް ދޫކުރުމުގެ މަސައްކަތް މި ސެންޓަރުން ކުރިއަށްދާނެއެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި، ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ގާބިލުކަން މި ސެންޓަރުގައި ހުންނާނެއެވެ.  

މީގެ އިތުރުން، ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަ ސެންޓަރުގައި ކުރިއަށްގެންދިޔަ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ވަނީ ނިންމާލާފައެވެ. ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ މާހިރުން އިނގިރޭސިބަހުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ދަނޑުވެރިންނާއި، ކައުންސިލްތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ޖުމްލަ 50 ފަރާތަކުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

ތިއަރީއާއި އަމަލީ މަސައްކަތްތައް ހިމެނުނު މި ތަމްރީނު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު ޝިޔާމެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށާއި ރުއްތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް