މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި އުފަންވި ކުދިންގެ ޖުމްލަ އަދަދަކީ 5,625 ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ގިނައިން ފިރިހެން ކުދިން ކަމަށް ހެލްތު މިނިސްޓްރީއާއި ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މިދިޔަ އަހަރު އުފަންވި ކުދިންގެ ތެރޭގައި ހިމެނެނީ 2,835 ފިރިހެން ކުދިންނާއި 2,789 އަންހެން ކުދިންނެވެ. މިއީ އަންހެން ކުދިންނަށްވުރެ ފިރިހެން ކުދިން އުފަންވި ނިސްބަތް އިތުރު އަހަރެކެވެ.
އަހަރުގެ އެކި ކުއާޓަރުތަކަށް ބަލާއިރު، އެންމެ ގިނަ ކުދިން އުފަންވެފައިވަނީ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައެވެ. އެ ކުއާޓަރުގައި 708 އަންހެން ކުދިންނާއި 736 ފިރިހެން ކުދިންނާއެކު ޖުމްލަ 1,444 ކުދިން އުފަންވިއެވެ. ފުރަތަމަ ކުއާޓަރުގައި 1,427 ކުދިން (697 އަންހެން އަދި 730 ފިރިހެން) އުފަންވިިއިރު، ދެވަނަ ކުއާޓަރުގައި އުފަންވީ 1,380 ކުދިން (702 އަންހެން އަދި 677 ފިރިހެން) އެވެ. އަދި ތިންވަނަ ކުއާޓަރުގައި އުފަންވެފައިވަނީ 1,374 ކުދިން (682 އަންހެން އަދި 692 ފިރިހެން) އެވެ.
ވަކިވަކި މަސްތަކަށް ބަލާއިރު، އެންމެ ގިނަ ކުދިން އުފަންވީ ޑިސެމްބަރު މަހުއެވެ. އެ މަހު 545 ކުދިން އުފަންވިިއިރު، ދެން އެންމެ ގިނައިން ކުދިން އުފަންވީ 506 ކުދިންނާއެކު ޖުލައި މަހާއި 504 ކުދިންނާއެކު މާރިޗު މަހުއެވެ. އެންމެ މަދުން ކުދިން އުފަންވެފައިވަނީ ސެޕްޓެމްބަރު މަހުއެވެ. އެއީ 421 ކުދިންނެވެ.
މިދިޔަ އަހަރު ދަރިން ހޯދި އަންހެނުންގެ އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނައިން ދަރިން ލިބިފައިވަނީ އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނަށެވެ. އެ އުމުރުފުރައިގެ 1,794 އަންހެނުން ދަރިން ހޯދާފައިވެއެވެ. ދެވަނައަށް އެންމެ އާންމު އުމުރުފުރާއަކީ 25 އަހަރާއި 29 އަހަރާ ދޭތެރެއެވެ. އެ އުމުރުފުރައިގެ 1,561 އަންހެނުންނަށް މިދިޔަ އަހަރު ދަރިން ލިބިފައިވެއެވެ.
މިއީ 2022 ވަނަ އަހަރު ހެދި ބޯހިމެނުމުގެ ނަތީޖާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ މައުލޫމާތެކެވެ. ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ޖުމްލަ އާބާދީ 515,132 އަށް އަރާއިރު، އޭގެ ތެރެއިން 382,639 އަކީ ދިވެހިންނެވެ. އަދި މުޅި ދިވެހި އާބާދީގައި ފިރިހެނުންނަށްވުރެ (188,077) އަންހެނުންގެ އަދަދު (194,562) ގިނައިރު، އުފަންވާ ކުދިންގެ ނިސްބަތުން ފިރިހެން ކުދިން އިތުރުވުމަކީ ކުރިއަށް އޮތް ތަނުގައި އާބާދީގެ މިންގަނޑަށް ބަދަލުތަކެއް އަތުވެދާނެ ކަމެކެވެ.



