ނިމާލްވެސް ޕީއެންސީގެ ނައިބު ރައީސް ކަމުގެ ރޭހަށް!

ރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް ކަމުގެ މަގާމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލް ވާދަކުރައްވަން ނިންމަވައިފިއެވެ.

ނިމާލް މިކަން އިއުލާނު ކުރެއްވީ މިއަދު އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ޕީއެންސީގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ނައިބު ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެ، އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ކޮންގްރެސްގައި މަންދޫބުންނާއި މެންބަރުންގެ ތާއީދަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ނިމިދިޔަ ދައުރުގައި ޕީއެންސީ އިދިކޮޅުގައި އޮތްއިރުވެސް ނިމާލް ހުންނެވީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައެވެ. އެ ދުވަސްވަރު ސަރުކާރުގެ ފަރާތުން ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، ޕާޓީ ވެރިކަމަށް ގެނައުމަށް ޓީމު މެންބަރެއްގެ ގޮތުގައި ކުރެވުނު މަސައްކަތްތަކާމެދު އުފާކުރައްވާ ކަމަށް ނިމާލް ފާހަގަކުރެއްވިއެވެ.

ނިމާލް ވިދާޅުވި ގޮތުގައި މި މަގާމަށް އޭނާ ކުރިމަތިލައްވާ މުހިންމު ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމުގެ ތަރައްގީއަށާއި މިނިވަންކަމަށް ކުރައްވާ މަސައްކަތްޕުޅުގައި އެހީތެރިކަން ދިނުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމެވެ. އަދި ސިޔާސީ ގޮތުން ދެގޮތެއް ނުވެ، ކޮންމެ ހާލަތެއްގައިވެސް މެންބަރުންނާއެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ނައިބު ރައީސް ކަމަށް ދެން ވާދަކުރައްވާ ބޭފުޅުން:

 އަހުމަދު ޝިޔާމް - ފިޝަރީޒް މިނިސްޓަރު (މިހާރުގެ ނައިބު ރައީސް)

 މުހައްމަދު ސައީދު - އިކޮނޮމިކް މިނިސްޓަރު (މިހާރުގެ ނައިބު ރައީސް)

 މުހައްމަދު ހުސައިން ޝަރީފް (މުންދު) - ސަރުކާރުގެ އިސް ތަރުޖަމާނު (މިހާރުގެ ނައިބު ރައީސް)

 އިބްރާހިމް ޝުޖާއު - ބާރަށު ދާއިރާގެ މެންބަރު (މިހާރުގެ ނައިބު ރައީސް)

 އަސްމާ ރަޝީދު - މާފަންނު މެދު ދާއިރާގެ މެންބަރު

 އަބްދުﷲ ރާފިއު - ޔޫތު މިނިސްޓަރު

 ފާތިމަތު ސައުދާ - ނިލަންދޫ ދާއިރާގެ މެންބަރު

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް