އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްގެ ތެރެއިން، އެ ޕާޓީގެ އަސާސީ ގަވާއިދަށާއި ސިޔާސަތުތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެމްޑީޕީން އާންމުކޮށްފައިވާ ކޮންގްރެސްގެ ތާވަލުގައިވާ ގޮތުން، ސިޔާސަތުތަކާއި އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓު 19 ވަނަ ދުވަހުގެ މެންދުރުފަހު 12:30 އެވެ. މި އިސްލާހުތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮފިތައް އުސޫލާ އެއްގޮތަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތުވެސް އެ މުއްދަތުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ހުށަހަޅާ ސިޔާސަތުތަކާއި އަސާސީ ގަވާއިދުގެ އިސްލާހުތައް މި މަހުގެ 31 ވަނަ ދުވަހު އާންމުކުރުމަށް ހަމަޖެހިފައިވާއިރު، އެ އިސްލާހުތަކާމެދު ގޮތެއް ނިންމާނީ ކޮންގްރެސްގެ ތެރެއިންނެވެ. ތާވަލުގައިވާ ގޮތުން ކޮންގްރެސްގައި ވޯޓުލެވޭނެ ޑެލިގޭޓުންގެ ލިސްޓު ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ 13:30ގެ ކުރިން އާންމުކުރާނެއެވެ. އަދި ކޮންގްރެސްގެ ބައިވެރިން އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުސަތު ސެޕްޓެމްބަރު 5 ގައި ހުޅުވާލާއިރު، އެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 12:30 އަށެވެ.
އަންނަ ސެޕްޓެމްބަރު މަހު ކޮންގްރެސް ބޭއްވުމަށް ނިންމައި އިއުލާނުކުރީ އޮގަސްޓު މަހުގެ 2 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 36 ވަނަ ބައްދަލުވުމުގައެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އާންމު ކޮންގްރެސް ބޭއްވޭނީ ކޮންމެ 5 އަހަރަކުން އެއް އަހަރު ކަމަށްވީ ނަމަވެސް، ވަކި ޝަރުތުތަކެއްގެ މަތިން ގައުމީ މަޖިލީހުން ފާސްކޮށްގެން ކޮންމެ އަހަރަކުވެސް އާދަޔާ ހިލާފު ކޮންގްރެސްއެއް ބޭއްވިދާނެއެވެ.




