މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް ހަތް ދުވަހުގެ ތެރޭގައި ނަގައި ހުސްކުރުމަށް އެޗްޑީސީން ވަނީ މުއްދަތު ދީފައެވެ. އަދި މި މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާމެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ. އޭގެ ތެރޭގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު އަދި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން، މަޝްރޫއުގެ ބައެއް މަސައްކަތްތައް އެމްޓީސީސީއާވެސް ވަނީ ހަވާލުކޮށްފައެވެ. އެމްޓީސީސީން ކުރިއަށްގެންދާނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމާއި ތިން ހެކްޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޗަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި ބަނދަރު ބަދަލުކުރުމުން މިހާރު މާލޭގައި ވިޔަފާރި ބަނދަރު ހުރި ސަރަހައްދުން އެއްވެސް ޚިދުމަތެއް ނުދޭނެ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރާނީ އިންޑަސްޓްރިއަލް ވިލެޖު އަދި ތިލަފުށީގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ތިލަމާލެ ބްރިޖް ބޭނުންކުރަން ނުފެށުނު ނަމަވެސް، ކޮންޓެއިނަރ އޮޕަރޭޝަނާއެކު ރޯރޯ ފެރީ ޚިދުމަތް ދީގެން ޕޯޓު އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސަވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލާއެކު ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އުންމީދު ކުރެއެވެ. އަދި އޭގެ ސަބަބުން މުދާ ބޭލުމާއި އުފުލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވިވެ، އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.




