ރައީސް މުއިއްޒުގެ ހަރުދަނާ ލީޑާޝިޕަށް އަބްދުއްރަހީމް ސެލިއުޓް ކުރައްވައި، 2028 ކާމިޔާބުކޮށްދޭން އެދިވަޑައިގެންފި

ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ލީޑާޝިޕަށް ތަޢުރީފު ކުރައްވައި އެމަނިކުފާނަށް ސެލިއުޓް ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމު އޮތީ ބޮޑެތި ދަރަނިތަކާއެކު ބަނގުރޫޓުވުމުގެ މަގުމަތީގައި ކަމަށާއި، އިދިކޮޅު ފަރާތްތަކުން ތިންމަސް ތެރޭ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބަލައިގެން ތިބި ނަމަވެސް، ރައީސްގެ ލީޑާޝިޕްގެ ދަށުން ދަރަނި ދައްކަމުން ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްގެންގޮސް ގައުމު އަލުން ނަގާ ކޮޅަށް ޖައްސަވާފައިވާ ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ ހަނގުރާމައިގެ ހާލަތްތަކުގައިވެސް ކާބޯތަކެއްޗާއި ތެލާއި އަސާސީ އެހެނިހެން ތަކެތި ދަތިކަމެއް ނެތި ރާއްޖެއަށް ލިބެމުންދިޔައީ ރައީސްގެ ހިކުމަތްތެރިކަމުން ކަމަށް ފާހަގަކުރެއްވިއެވެ. މިއީ ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބުތައް ކަމުގައި ވިދާޅުވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކަމަރުބަންނަން ޕީއެންސީގެ މެންބަރުންނަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.

އެމްޑީޕީން "އަނެއް ދިވެހިރާއްޖެ" އަށް ކުރި އަމާޒެއް ނެތް ދަތުރު "ދިވެހީންގެ ރާއްޖެއަށް" އަނބުރާލައްވައި ގައުމު ހަމަމަގަށް ގެނެސްދެއްވުމުން، އެކަން އިދިކޮޅު ފަރާތްތަކަށް "ހަޖަމު" ނުވެގެން އެކި ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ބަޔަކު ދައްކާހާ ދޮގު ވާހަކަތަކެއް ގަބޫލުނުކޮށް، ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާމެދު ގޮތް ނިންމުމުގައި ބުއްދީގެ ބޭނުންކުރުމަށް ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް