އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތަށް އާރުޑީސީއިން ތައްޔާރުވެއްޖެ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށްޓަކައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ސައިޓު ސެޓްއަޕް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.   

އޭދަފުށީގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހުއެވެ.

75.7 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ.  

މި މަޝްރޫޢުގެ ދަށުން އޭދަފުށީގެ 5.3 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއެޅުމާއި، ފެންހިނދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ޖެހުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މިއީ އޭދަފުށީގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް