އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފައްޓަވާދެއްވައިފިއެވެ.
އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި އަލްޓެކް މޯލްޑިވްސްގެ މެނޭޖަރު އިބްރާހިމް އަޒީމެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގައި ހަވާލުކުރި މި މަޝްރޫޢަކީ 1 އަހަރާއި 7 މަސް ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ، 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެއް ތަރައްޤީކުރުމުގެ މަޝްރޫޢެކެވެ.
މި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްދަނީ 2023 ވަނަ އަހަރު އުކުޅަހުން ހިއްކާފައިވާ 13 ހެކްޓަރުގެ ސަރަޙައްދުގައެވެ. ގާތްގަނޑަކަށް 1,200 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހުގެ ހިއްކި ބިމުން 250 ގޯތި ދޫކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 5 ޓަނުގެ އައިސްޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ޅެހި ކޮންސްޓްރަކްޝަން އެންޑް ޓެރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.



