ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓުން ލިބޭ ފައިދާ ޑޮލަރުން ޖަމާކޮށްދޭ ގޮތަށް ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ފޮރެކްސް އިންވެސްޓްމަންޓް ސްކީމުން ލިބޭ ފައިދާ ސީދާ ޑޮލަރުން އެކައުންޓަށް ޖަމާކޮށްދޭ ގޮތަށް އެ ބޭންކުން ވަނީ ހަމަޖައްސާފައެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ފޮރެކްސް އިންވެސްޓްމަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް ގެނެވުނު މި ބަދަލުގެ ދަށުން، އިންވެސްޓްމަންޓުން ލިބޭ ނަފާގެ އިތުރުން އިންވެސްޓްކުރި އަދަދުވެސް ޖަމާވާނީ ޑޮލަރުންނެވެ. ނަމަވެސް، އިންވެސްޓްމަންޓުގެ މުއްދަތު ހަމަވުމުން އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖް ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެއެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ބީއެމްއެލްއިން މި ސްކީމް އެންމެ ފުރަތަމަ ތައާރަފުކުރިއިރު ހަމަޖެހިފައި އޮތީ، ޑޮލަރު އިންވެސްޓްކުރުމުން 25 ޕަސެންޓާ ހަމައަށް ދިވެހި ރުފިޔާއިން ފައިދާ ލިބޭ ގޮތަށެވެ. މި ސްކީމަކީ ބޭންކަށް ޑޮލަރު ލިބޭނެ އިތުރު މަގުތައް ތަނަވަސްކުރުމަށާއި، ކަސްޓަމަރުންނަށް ފައިދާހުރި އިންވެސްޓްމަންޓް ފުރުސަތުތަކެއް ހޯދައިދިނުމަށް ފެށި ސްކީމެކެވެ. މި ހިދުމަތް ބޭންކުގެ މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް