ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓަރީވެފައިވާ މީހުންގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި އަޕްޑޭޓް ނުކުރެވުމުގެ ސަބަބުން، މަރުވެފައިވާ 700 އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށް އެ އެޖެންސީގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިއީ އިޖުތިމާއީ އެހީތެރިކަމާ ގުޅުންހުރި ޕްރޮގްރާމްތަކުން އެހީ ފޯރުކޮށްދެވެނީ ސީދާ އޭގެ ހައްގުވެރިންނަށްކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު، ދައުލަތަށް ލިބުނު ވަރަށް ބޮޑު މާލީ ގެއްލުމެއް ކަމަށެވެ.
ޝިރުނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ ބޮޑު މައްސަލައެއް ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ 2020 ވަނަ އަހަރު އެންސްޕާގެ މޮނިޓަރިން ސެކްޝަން އުވާލުމެވެ. އެ ސެކްޝަން އުވާލުމާ ގުޅިގެން މޮނިޓަރިންގެ މަސައްކަތްތައް މުޅިން ހުއްޓި، އެހީ ލިބޭ މީހުންގެ މައުލޫމާތުތައް ބަލައި މަހުން މަހަށް އަޕްޑޭޓް ކުރުމުގެ ނިޒާމު ވަނީ ބޮއްސުންލައިގެން ގޮސްފައެވެ. މީގެ ސަބަބުން ނިޔާވެފައިވާ މީހުންގެ މައުލޫމާތު ސިސްޓަމުން އުނިނުކުރެވި، ގިނަ ދުވަސްތަކެއް ވަންދެން އެފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާވަމުންދިޔައެވެ.
މިހާރު އެންސްޕާއިން ދަނީ އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނެސް، އުވާލެވުނު މޮނިޓަރިން ސެކްޝަންގެ މަސައްކަތްތައް އަލުން އިޔާދަކޮށް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެންސްޕާގައި މިވަގުތު 15,000 އެއްހާ މީހުން ރަޖިސްޓަރީވެފައިވާއިރު، އެ އެޖެންސީގެ މުހިންމު އަމާޒަކީ ދިރިއުޅުމުގެ ހާލަތަށާއި އިޖުތިމާއީ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް ދެވޭ މާލީ އެހީތައް ސީދާ އެންމެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އަދި ކުރިން އޮތް މޮނިޓަރިން ނިޒާމު އިޔާދަކޮށް، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ދިއުން އެއްކޮށް ހުއްޓުވުމަކީ އެ އެޖެންސީން އިސްކަންދޭ އެންމެ މުހިންމު އެއް ކަންތައް ކަމުގައި އޭނާ ވިދާޅުވިއެވެ.



