ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަންކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.
މި މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވި މި އިންތިޚާބު ފަސްކުރަން ނިންމީ، އިންތިޚާބާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ މެންބަރުންގެ ތެރެއިން 3 މެންބަރަކު އެލްޖީއޭގެ ބޯޑަށް އައްޔަންކުރަންޖެހެއެވެ.
ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިންނާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރެކެވެ.
މީގެ އިތުރުން ސިޓީ ކައުންސިލަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސުންނާއި، ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ މެންބަރުންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ވެސް މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.



