ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ޖޫން މަހުގެ ތެރޭގައި ތެލަސީމިއާ ބަލި މީހުންގެ ގޮތުގައި ރަޖިސްޓްރީކުރި އަދަދު އިތުރުވެ، އެ މަހުގެ ތެރޭގައި އެލަވަންސްގެ ގޮތުގައި 1.05 މިލިޔަން ރުފިޔާ ދޫކޮށްފިއެވެ.
ތެލަސީމިއާ ކުދިންނަށް ދޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި ކޮންމެ ކުއްޖަކަށް 2،000 ރުފިޔާ ދޭން ފެށުމާއެކު ގިނަ ފަރާތްތަކުން އަންނަނީ އެންސްޕާގައި ރަޖިސްޓްރީވަމުންނެވެ. އެގޮތުން ނިމިދިޔަ ޖޫން މަހު އެކަނިވެސް އަލަށް 7 ކުއްޖަކު ރަޖިސްޓްރީވެފައިވާއިރު، އެ އެޖެންސީގެ ދަފްތަރުގައި މިހާރު ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ 526 މީހުން އެބަތިއްބެވެ.
މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ރެކޯޑުތަކަށް ބަލާއިރު، ތެލަސީމިއާ ދަފުތަރުގައި މުޅި ރާއްޖެއިން 978 މީހުން ރެކޯޑުކުރެވިފައިވާއިރު، މީގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 652 މީހުންނެވެ. މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. އެއީ 215 ކުދިންނެވެ. އަދި ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ. ފާއިތުވި ތިން އަހަރަށް ބަލާއިރު، 2023 ވަނަ އަހަރު 11 މީހުން، 2024 ވަނަ އަހަރު 18 މީހުން އަދި 2025 ވަނަ އަހަރުގެ މެއި މަހާ ހަމައަށް 11 މީހުންނާއެކު ޖުމްލަ 40 ކުދިން ވަނީ އަލަށް ދަފުތަރުގައި ހިމެނިފައެވެ.
އާބާދީގެ ނިސްބަތުން ތެލަސީމިއާ މީހުން އެންމެ ގިނައީ ނ. އަތޮޅުގައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ދަފުތަރުގައި ހިމެނޭއިރު، މިއީ ކޮންމެ ރަށަކަށް އެވްރެޖްކޮށް 4 މީހުންނެވެ. މީގެ އިތުރުން ލ. އަތޮޅުގައި 43 މީހުން އަދި ފ. އަތޮޅުގައި 18 މީހުން ތިބިއިރު، ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތެވެ. އަދި ދެވަނައަށް އެންމެ މަދުން މީހުން ތިބީ މ. އަތޮޅުގައި (3 މީހުން) އެވެ.
މި ދާއިރާއިން ކުރިއަށްދާ އިތުރު މަސައްކަތްތަކަށް ބަލާއިރު، ސަރުކާރުން ވަނީ ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 10 ކުއްޖަކަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 50 ކުދިންނަށް 50 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ވަނީ އަމާޒުހިފާފައެވެ.



