ކަށީގެ އޮޕަޜޭޝަން

ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ ހިލޭ އެހީގެ ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްވެގެން ފަރުވާ ހޯދި މީހުންނަށް ނިމިދިޔަ އޭޕްރީލް މަހު އެކަނިވެސް 8 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެންސްޕާއިން ހާމަކޮށްފިއެވެ. އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް މުޅިއެކު ކޮށްފައިވަނީ ކަށީގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް 4.6 މިލިއަން ރުފިޔާ

ތަފާސްހިސާބުތަކަށް ބަލާއިރު، ޓްރީޓޮޕް ހޮސްޕިޓަލު މެދުވެރިކޮށް ފަރުވާ ހޯދި ފަރާތްތަކަށް ޖުމްލަ 4.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ ކަށީގެ ބަލިތަކަށެވެ. އެގޮތުން 51 މީހަކަށް 1.2 މިލިއަން ރުފިޔާ ކަށީގެ ބައްޔަށް ފަރުވާކުރުމަށް ދީފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން ފައިސާ ދޫކުރީ އެހެނިހެން ބަލިތަކަށް ފަރުވާ ހޯދި 51 މީހަކަށެވެ. އެ ފަރާތްތަކަށް 627،666 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ތިންވަނައަށް އެންމެ ގިނަ އެހީ ދީފައިވަނީ ވިހެއުމުގެ ކަންކަމަށެވެ. އެގޮތުން 40 މީހަކު ވިހެއުމަށް 605،552 ރުފިޔާގެ އެހީ ވަނީ ދޫކޮށްފައެވެ.

އޭޑީކޭ ހޮސްޕިޓަލަށް 3.6 މިލިއަން ރުފިޔާ

މީގެ އިތުރުން، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާކުރުމަށް އޭޕްރީލް މަހު ޖުމްލަ 3.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭޑީކޭ މެދުވެރިކޮށް ހޯދި ފަރުވާތަކުގެ ތެރެއިން އެންމެ ގިނައިން އެހީ ދޫކޮށްފައިވަނީ ކަރުންމަތީގެ ބަލިތަކަށެވެ. އެގޮތުން ކަރުންމަތީގެ ބައްޔަށް ފަރުވާ ހޯދި 23 މީހަކަށް 608،381 ރުފިޔާ ވަނީ ދޫކޮށްފައެވެ.

އޭޑީކޭއިން ދެން އެންމެ ގިނައިން އެހީ ދޫކޮށްފައިވަނީ އެހެނިހެން ބަލިތަކަށް ފަރުވާ ހޯދި 21 މީހަކަށް ދޫކުރި 585،731 ރުފިޔާ އަދި ކަށީގެ ބަލިތަކަށް ފަރުވާ ހޯދި 27 މީހަކަށް ދޫކުރި 552،961 ރުފިޔާއެވެ. މީގެ އިތުރުން ވިހެއުމާ ގުޅޭ 31 ކޭސްއަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މި ދެ ހޮސްޕިޓަލުން ވެސް އާންމު ބަލިތަކުގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އެންސްޕާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތައް (ކާޑިއޯވެސްކިއުލާ 16 ކޭސް)، ނޭވާލާ ނިޒާމުގެ ބަލިތައް (12 ކޭސް)، އަދި ކެންސަރާއި ކުޑަކަމުދާ ނިޒާމު ނުވަތަ ކިޑްނީގެ ބަލިތައް ހިމެނެއެވެ.

އަދި ހަމައެހެންމެ، މައިބަދައާއި ނާރުގެ ބަލިތައް، އަންހެނުންގެ ބަލިތައް، ކުޑަކުދިންގެ ބަލިތައް އަދި ގޭސްޓްރޯއިންޓެސްޓިނަލް ބަލިތަކަށް ފަރުވާ ހޯދި ފަރާތްތަކަށްވެސް ސަރުކާރުގެ މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް