ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާ ސުވާލުކުރެއްވުން

ހައްޖަށް ދިއުމަށް އޮންނަ ކިޔޫ ދިގުވުމަކީ ތަބީއީ ކަމެއް ކަމަށާއި، ޙައްޖުގެ ކަންކަން މިހާރު ކުރިއަށްދަނީ ވަރަށް ރަނގަޅަށް ޕްލޭންކުރެވިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދީނަށް ލޯބިކުރާ މީހުން އިތުރުވާ ވަރަކަށް ޙައްޖަށް ދާން ބޭނުންވާ މީހުންވެސް އިތުރުވާނެ ކަމަށެވެ. އަދި އެއީ "ހަމަ ތަބީއީ ކަމެއް" ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ދުނިޔޭގެ އެހެން އިސްލާމީ ގައުމުތައް ކަމަށްވާ މިޞްރު، ޕާކިސްތާން އަދި އިންޑޮނީޝިއާ ފަދަ ގައުމުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ އެ ގައުމުތަކުގައިވެސް ޙައްޖަށް ދިއުމަށް އެތައް މިލިއަން ބަޔަކު ކިޔޫގައި ތިބޭކަމެވެ. މީގެ އިތުރުން، މިހާރު ޕެންޝަން ފަންޑު މެދުވެރިކޮށްވެސް ޙައްޖު ކިޔޫއަށް އެރޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ބައެއް މީހުން ޙައްޖަށް ދިއުމަށް 10 އަހަރު ކުރިން ފައިސާ ދައްކައިގެން ތައްޔާރުވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ކުރިން ޙައްޖުގެ ކަންކަން އޮތް ގޮތާއި ގުޅޭގޮތުން ޝަހީމް ވިދާޅުވީ، ކުރިން އަމިއްލަ ކުންފުނިތަކުން ކޯޓާތައް ބޮޑު އަގުގައި ވިއްކަމުން ދިޔަ ކަމަށާއި، އޭގެ ސަބަބުން ފަގީރުންނަށް ޙައްޖަށް ދިއުމުގެ ފުރުސަތު ނުލިބި، ހަމައެކަނި މުއްސަނދިންނަށް އެ ފުރުސަތު ލިބެމުންދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ ނިޒާމު ނިމުމަކަށް އައިސް، ކަންކަން ވަރަށް ފުރިހަމައަށް އިންތިޒާމުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާރު ފައިސާ ދައްކާ މީހުންނަށް ފުރުސަތު 2040 ގައި

ޙައްޖު ކިޔޫ ވަރަށް ބޮޑަށް ދިގުވެފައިވާއިރު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ލަފާކުރާ ގޮތުގައި މިވަގުތު އަލަށް ފައިސާ ދައްކައިގެން ކިޔޫއަށް އަރާ މީހަކަށް އެންމެ އަވަހަށްވެސް ޙައްޖަށް ދެވޭނެކަމަށް ބެލެވެނީ މީގެ 14 އަހަރު ފަހުން، 2040 ގައެވެ.

  • ކިޔޫއަށް އެރުމަށް ދައްކަންޖެހޭ ފައިސާ: 52,500 ރުފިޔާ (ބާކީ ފައިސާ ފަހުން ދެއްކޭނެއެވެ.)

  • ޙައްޖުގެ ޖުމުލަ އަގު: 69,965 ރުފިޔާ

ރާއްޖެއަށް ލިބޭ ކޯޓާ ބެހިގެންދާ ގޮތް

ކިޔޫ ދިގުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ އަދަދު އިތުރުނުވެ، ފައިސާ ދައްކާ މީހުންގެ ނިސްބަތް ގިނަވުމެވެ. ސަޢޫދީ ސަރުކާރުން ރާއްޖެއަށް އަހަރަކު ދޫކުރަނީ 1,000 މީހުންގެ ކޯޓާއެކެވެ. މިއަހަރު މި ކޯޓާ ބަހާފައިވަނީ ތިރީގައިވާ ގޮތަށެވެ:

  1. ކިޔޫ ތަރުތީބުން: 850 ކޯޓާ

  2. އެހީތެރިން (ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން): 100 ކޯޓާ

  3. ސަރުކާރުގެ ޚަރަދުގައި ފަގީރުން: 50 ކޯޓާ (މިއީ މި ސަރުކާރުން އަލަށް ފެށި ޚާއްސަ ޕްރޮގްރާމެކެވެ.)

ރާއްޖެއަށް ލިބޭ ކޯޓާ އިތުރުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްކޮށްފައިވީ ނަމަވެސް އަދި އެކަށީގެންވާ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މިނިސްޓަރު ޝަހީމް ވިދާޅުވީ، ސަޢޫދީން ވަކި މިންގަނޑުތަކަކަށް ބެލުމަށްފަހު އެހެން ގައުމުތަކަށްވެސް ކޯޓާ އިތުރުކުރާ އުސޫލުން، ރާއްޖެއަށްވެސް ކޯޓާ އިތުރުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް