ރާއްޖެ-ތުރުކީ އެއްބަސްވުން: 400 އަށްވުރެ ގިނަ މުދަލުން ޑިއުޓީ ކަނޑާލައިފި

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އިމްތިޔާޒުތައް ދިނުމުގެ އެއްބަސްވުމުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވޭ 400 އަށްވުރެ ގިނަ ބާވަތުގެ މުދަލުން އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީ ކަނޑާލައި ބޮޑެތި ލުއިތަކެއް ދީފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ތުރުކީގެ އުފެއްދުންތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނުވަތަ ބޮޑުތަނުން ކުޑަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު، ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ ބާވަތްތަކާއި (މަސްދަޅު އަދި ރޯމަސް) އިތުރު އުފެއްދުންތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ތާރީޚީ އެއްބަސްވުމެކެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ރާއްޖޭގެ މަސްވެރިންނަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދައިދިނުމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި ތުރުކީގެ މުދާ އެތެރެކުރުމަށް މަގުފަހިކުރުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ.

މި މަޝްރޫއުގެ ސަބަބުން ދެ ގައުމުގެ މެދުގައި ކުރެވޭ ސީދާ ވިޔަފާރި އިތުރުވެ، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް