ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގޮތުން އިތުރު ދެ ގައުމަކާއެކު "އެއާ ސާވިސް އެގްރީމެންޓް" ނުވަތަ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ މިފަދަ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، މިހާރު ދަތުރުތައް ނުކުރާ އާ މާކެޓުތަކުން ސީދާ ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަގުފަހިކުރުން ކަމަށެވެ. މީގެ ކުރިންވެސް މި މަސައްކަތްތައް ކުރެވުނު ނަމަވެސް، ތަފާތު ސަބަބުތަކާ ހުރެ ނުނިމި ހުރި ކަންކަން ހާސިލުކުރުމަށް މިހާރު އަންނަނީ ބާރަށް މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން މުޅިންހެން ބިނާވެފައިވަނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ކަމަށްވާތީ، މިއީ ގައުމުގެ އިގްތިސާދަށް ނުހަނު މުހިންމު އެއްބަސްވުންތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރެވޭނެ އެއާލައިންތަކާއި، ލިބޭނެ ސީޓުތަކުގެ އަދަދު ކަނޑައެޅިގެންދާނެއެވެ.
ދާދިފަހުން ރާއްޖެއިން ވަނީ އިތިއޯޕިޔާއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އެޑިސް އަބާބާއިން ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެފައެވެ. މިއީ އެފްރިކާ ބައްރުގެ ގައުމަކާއެކު ރާއްޖެއިން ވެވުނު 6 ވަނަ އެއްބަސްވުމެވެ. މީގެއިތުރުން އޮސްޓްރޭލިއާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ގައުމީ އެއާލައިން "މޯލްޑިވިއަން" އިން މިހާރު ދަނީ އެ ގައުމަށް ސީދާ ދަތުރުތައް ކުރަމުންނެވެ.
އިތުރަށް އެކުލަވާލާ ދެ އެއްބަސްވުމަކީ ފުޅާ ދާއިރާއެއްގައި ކުރެވޭ ބޮޑެތި މަސައްކަތްތަކަކަށްވާތީ ވަގުތު ނަގާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، މާލަސްތަކެއް ނުވެ މި ކަމުގެ އެދެވޭ ނަތީޖާ ފެނިގެންދާނެ ކަމުގެ އުންމީދު ބޮޑުކަމަށް ވަޒީރު އަމީން ފާހަގަކުރެއްވިއެވެ.




