ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އެންމެ މަތީ އޮޑިޓް އިދާރާތަކަށް ހާއްސަކޮށްގެން ބާއްވާ "ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް" އއ. އުކުޅަހުގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހާއި އދ.ގެ އިގްތިސާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމިއްޔާ (ޔޫއެން ޑެސާ) ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާ އިފްތިތާހުކޮށްދެއްވީ އޮޑިޓާ ޖެނެރަލް ޙުސައިން ނިޔާޒީއެވެ.
ދުނިޔޭގެ 26 ގައުމަކުން 46 މަންދޫބުން ބައިވެރިވާ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އޮޑިޓްކުރުމުގެ އަމަލީ އުސޫލުތައް ހިއްސާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ތަންފީޒުކުރެވޭ މިންވަރު ބެލުމުގައި އޮޑިޓް އިދާރާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމެވެ.
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ، ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ޖަވާބުދާރީވުން ހަރުދަނާކުރުމަށް މިފަދަ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވާފައެވެ.
މި މަހާސިންތާގެ ތެރެއިން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އޮޑިޓް އޮފީސްތަކުގެ ދައުރާއި، މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތައް އޮޑިޓްކުރުމުގެ އިތުރުން އިދާރީ ހިންގުން ޑިޖިޓަލައިޒްކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
މި ސިމްޕޯޒިއަމް ނިމުމަށްފަހު، މި މަހުގެ 6 އިން 7 އަށް "އައިޑީއައި ގްލޯބަލް ސަމިޓް" ވެސް އުކުޅަހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޓޯސައި އާއި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ބާއްވާ މުހިންމު ސަމިޓެކެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ގަބޫލުކުރާ ގޮތުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ބައިނަލްއަގުވާމީ ބޮޑެތި ބައްދަލުވުންތައް ބޭއްވުމަކީ ރަށްފުށުގެ ފަތުރުވެރިކަން އިޝްތިހާރުވެ، އެ ރަށެއްގެ އިގްތިސާދަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމެކެވެ.



