އެމްއެންޔޫ ތިނަދޫ ސްޓާފް އެކޮމޮޑޭޝަން އިމާރާތުގެ މަސައްކަތް އެމްޓީސީސީއިން ބާރަށް ކުރިއަށް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) މާލެއިން ބޭރުގައި ހިންގާ އެންމެ ބޮޑު އެއް ކެމްޕަސް ކަމަށްވާ ގދ. ތިނަދޫ ކެމްޕަސްގައި އިމާރާތްކުރާ ސްޓާފް އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތްތައް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެ އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްއެންޔޫއިން މަޢުލޫމާތު ދެއްވާގޮތުގައި، މި މަޝްރޫއުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން ސަރަހައްދު ފަސްބޭރުކުރުމުގެ (ބެކްފިލިންގް) މަސައްކަތްތަކާއި، ފުރަތަމަ ފްލޯގެ ދަގަނޑު އެއްސުމުގެ އިތުރުން ސައްލިޖެހުމުގެ (ފޯމްވޯކް) މަސައްކަތްތަކެވެ.

2003 ވަނަ އަހަރުން ފެށިގެން ތިނަދޫގައި މަތީ ތައުލީމު ފޯރުކޮށްދެމުންދާ މި ކެމްޕަސްގައި ސްޓާފް އެކޮމޮޑޭޝަން އިމާރާތެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ، އަތޮޅުތެރެއާއި މާލެއިން އެ ކެމްޕަހަށް ކިޔަވައިދިނުމަށްދާ ލެކްޗަރާ އިންނާއި އިދާރީ މުވައްޒަފުންނަށް އެކަށީގެންވާ ރައްކާތެރި އަދި ފޭސިލިޓީތައް ހަމަހަމަ އެކޮމޮޑޭޝަންގެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

މި މަޝްރޫއު ނިމި ބޭނުންކުރަން ފެށުމުން، ތިނަދޫ ކެމްޕަހުގައި ހިންގާ ތަފާތު އެކި ދާއިރާތަކުގެ ކޯސްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު އެކެޑެމިކް މުވައްޒަފުން ދެމެހެއްޓެނިވި ގޮތެއްގައި ތިނަދޫގައި ތިބެގެން ޚިދުމަތް ދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެމްޓީސީސީއިން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި އިމާރާތުގެ މަސައްކަތްތައް ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ޚިދުމަތަށް ނެރުމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް