މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ސަބްލީސްކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްޤު ވިއްކާލަން ނިންމާފައި ނުވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެމްޓީޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނީގެ ބައެއް ހަރުމުދާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ބުނެ މީޑިއާގެ އެކި ވަސީލަތްތަކުގައި ޚަބަރު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ދިވެހި ސަރުކާރާއި އެމްޓީޑީސީއާ ދެމެދު ވެވިފައިވާ ލީސް އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް އެ ކުންފުންޏަށް ކުއްޔަށް ދީފައިވާ ތިން ރަށެއް އޮވެއެވެ. އެއީ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅިއެވެ.
މިކަމާ ގުޅިގެން އެމްޓީޑީސީން އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، މި ތިން ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހައި ހައްޤުތަކުގެ ފުރިހަމަ މިލްކުވެރި ފަރާތަކީ އެ ކުންފުނި ކަމަށެވެ. އަދި ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްޤު ނުވަތަ މަސްލަހަތު ސީދާގޮތުން ނުވަތަ ނުސީދާ ގޮތުންވެސް ގެއްލޭފަދަ ނުވަތަ ހަނިވާފަދަ އެއްވެސް ނިންމުމެއް އެ ކުންފުނިން ނިންމާފައި ނުވާނެކަމުގެ ޔަޤީންކަން އެ ކުންފުނީގެ ހިއްސާދާރުންނަށް ވަނީ އަރުވާފައެވެ.
މީގެ އިތުރުން، އެމްޓީޑީސީގެ އެއްވެސް ހަރުމުދަލެއްގެ ހެޑްލީސް ނުވަތަ އެއާ ގުޅުންހުރި ހައްޤެއްގެ އެއްވެސް މިންވަރެއް ވިއްކުމަށް، އެހެން ފަރާތަކަށް ދޫކޮށްލުމަށް، ނުވަތަ އެފަދަ ހައްޤަކަށް ނޭދެވޭ އަސަރުކުރާ ފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުދާކަމަށްވެސް އެ ކުންފުނިން ވަނީ ސާފުކޮށްދީފައެވެ. އެހެންކަމުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަން އެ ކުންފުނިން ފާހަގަކުރިއެވެ.
އެމްޓީޑީސީން ބުނީ އެ ކުންފުނީގެ އެއްވެސް މުއާމަލާތެއް ކުރިއަށް ގެންދާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އެގޮތުން ކުރިމަގުގައިވެސް ކަމާގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކާއި، ކުންފުނިތަކުގެ ލިސްޓިން ރޫލްސްގައި ބަޔާންކުރާ ފަދައިން ހާމަކުރަންޖެހޭ އެންމެހައި މުއާމަލާތްތަކާއި ކަންކަން އެ ކުންފުނިން ރަސްމީކޮށް އަންގައި ހާމަކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.
މި މައްސަލައިގައި ކުންފުނިން ނެރުނު ބަޔާނަކީ، ހިއްސާދާރުންގެ މެދުގައި އުފެދިދާނެ ނުތަނަވަސްކަމެއް ނައްތާލައި، ކުންފުނީގެ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓެމުންދާކަން ޔަޤީންކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބެލެވެއެވެ.



