މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ ދައުރު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ވަނީ ހުޅުވާލައްވާފައެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ. މަޤާމަށް އެދި ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި މަޤާމަށް އަލުން ހުޅުވާލީ މިހާރު ހުންނެވި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ ދައުރު ހަމަވާތީއެވެ. މި މަޤާމުގައި މިހާރު ހުންނެވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޢާއިޝަތު ޙަސަން އެވެ. އޭނާއަކީ އިކޮނޮމެޓްރިކްސްއިން މާސްޓާސް ޑިގްރީ އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވަނީ ކުރިމަތިލާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. މި ޤާނޫނުގައިވާ ގޮތުން ބިއުރޯގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މާލީ ވަޒީރެވެ. އަދި ބިއުރޯ ހިންގަވާނީ މާލީ ވަޒީރުގެ ލަފާގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ.
މީގެ އިތުރުން، ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށާއި ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ 10 މެންބަރުންގެ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންޖެހެއެވެ. މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ މުހިންމު މަޢުލޫމާތު އިތުބާރުހުރި ގޮތެއްގައި އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.




