އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހުޅުވާލައްވާފައެވެ. މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 12:00 އެވެ.
މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރިކޯޑު ފޯމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން (presidency.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރުފަހު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ޝަރުޠުތަކުގެ ތެރޭގައި ޢުމުރުން 35 އަހަރުވެފައިވުމާއެކު، ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއި، މަދުވެގެން 7 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމަކީވެސް މަޤާމުގެ މުހިންމު ޝަރުޠެކެވެ.
މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ޙަރަކާތްތެރިޔަކު ކަމުގައި ނުވުމާއި، ޤާނޫނުގެ ދަށުން އިންތިޚާބުކުރާ ނުވަތަ ޢައްޔަންކުރާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެންނުވާނެއެވެ. އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވެސް ވެގެންނުވާނެއެވެ. ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކުރި ވަޒީފާތަކާއި މުއްދަތު އަދި މައިގަނޑު މަސްއޫލިއްޔަތުތައް އެނގޭނެ ފަދަ ލިޔުންތަކުގެ ފޮޓޯކޮޕީ ހުށަހަޅަންޖެހޭނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި އުފައްދަވާފައިވާ އޮފީހެކެވެ.




