އޭސީސާއާއި ސްޓެލްކޯއިން ފަހުމުނާމާގައި ސޮއިކުރުން: ސްޓެލްކޯގައި އެންޓި-ކޮރަޕްޝަން ޕޮލިސީތައް ގާއިމްކުރަން ހަމަޖެހިފައިވޭ -- ފޮޓޯ/ އޭސީސީ

ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ސޮއިކުރެއްވިއިރު، ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ދެ އިދާރާ ގުޅިގެން ކޮރަޕްޝަން ވިޔަނުދިނުމަށް ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، ނަޒާހަތްތެރިކަން ހަރުދަނާކުރުމެވެ.

މި ފަހުމުނާމާގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތަކާއި މަހާސިންތާތައް ބޭއްވުމުގެ އިތުރުން، އޭސީސީން ތަހުގީގުކުރާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމާއި މުވައްޒަފުން ހާޒިރުކުރުމުގައި އެއްބާރުލުން ދިނުމަށް ސްޓެލްކޯއިން ވަނީ އެއްބަސްވެފައެވެ. މީގެއިތުރުން، ސްޓެލްކޯގައި އެންޓި-ކޮރަޕްޝަން ޕޮލިސީތައް ގާއިމުކުރުމާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމާއި، ފަންނީ އެހީތެރިކަމާއި ވަސީލަތްތައް ހިއްސާކުރުން މި އެއްބަސްވުމުގައި ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް