ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް 2022 އާއި 2023 ވަނަ އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ދީފައިވާ ޕްރޮމޯޝަންތަކުގެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން ފާސްކުރީ ފެނަކައިގެ މުވައްޒަފުން ރެކުރޫޓްކުރުމާއި، ޕްރޮމޯޝަން ދިނުމާއި، މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ. މިއާއެކު، ގަވާއިދާ ޚިލާފަށް ކުރިއެރުން ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށާއި، މައްސަލަ ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން، ފެނަކަ ރައިޓްސައިޒް ކުރުމަށާއި، އާންމުކޮށް އިޢުލާން ކުރުމަކާ ނުލައި މުވައްޒަފުން ނެގުން ހުއްޓުވުމަށް ކުންފުނީގެ ގަވާއިދުތަކާއި އެސްއޯޕީތައް އިސްލާޙުކުރުމަށް ވަނީ އަންގާފައެވެ. އަދި އިން-ހައުސް ޕްރޮޖެކްޓްތަކަށް ނެގި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ބޮޑު ހޭދައެއް ކޮށްފައިވާތީ، އެކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުމަށާއި، 2021 އިން 2023 އަށް މުވައްޒަފުންނަށް އިތުރަށް ދީފައިވާ 229,711 ރުފިޔާ އަނބުރާ ހޯދުމަށްވެސް ވަނީ އަންގާފައެވެ. މި ރިޕޯޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ގޮތުން އިސްލާޙުކުރާ ގަވާއިދުތައް 3 މަސް ދުވަހުގެ ތެރޭގައި އަދި އެލަވަންސާ ގުޅޭ ގަވާއިދު 45 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފެނަކައަށް ވަނީ އަންގާފައެވެ.



