ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ 17 އަހަރުވީ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
ޑީއެންއާރުން މައުލޫމާތު ދޭ ގޮތުގައި، މިއަހަރު ނިމުމުގެ ކުރިން އައު ކައުންޓަރުތަކުން ޚިދުމަތް ދޭން ފެށުމަށް އަމާޒު ހިފާފައިވާއިރު، މި މަސައްކަތުގެ މައުލޫމާތު ދިނުމުގެ ސެޝަން މިމަހުގެ 12 ވާ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިޑު ހުށަހެޅޭނީ މި ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށާއި، ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
މި ބަދަލާއެކު އައިޑީ ކާޑުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ރީތި، ޒަމާނީ އަދި އަވަސް ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ޑީއެންއާރުން ބުނެއެވެ. ފާއިތުވި ދެ އަހަރު ތެރޭގައިވެސް ޑީއެންއާރުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި (ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލެ) އިތުރު 3 އޮފީހެއް ހުޅުވައި، ރާއްޖޭގެ އަތޮޅުތަކުގެ އިތުރުން މެލޭޝިޔާއާއި ސްރީލަންކާގައިވެސް އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. މީގެ ސަބަބުން އޮންލައިންކޮށް ކާޑަށް އެދުމަށްފަހު އެމީހަކު ހުރި ރަށަކުން ނުވަތަ އެންމެ ކައިރި ތަނަކުން ކާޑު ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިގެން ގޮސްފައެވެ.



