ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
ފާޠިމަތު ދިޔާނާއަށް މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މަޤާމަށް އޭނާ ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
އަލްއުސްތާޛާ ފާޠިމަތު ދިޔާނާއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެޒްމޭނިއާއިން ބެޗެލަރ އޮފް ލޯރސް އަދި ޖަޕާނުގެ އޮސާކާ ޔުނިވަރސިޓީގެ އިތުރުން އިނގިރޭސިވިލާތުގެ ލެސްޓަރ ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯރޕަރޭޝަން (ސާކް) ގޭ ސެކްރެޓަރީ ޖެނެރަލްކަމާއި، ޖެންޑަރ، ފެމިލީ އެންޑް ހިއުމަންރައިޓްސް މިނިސްޓަރުކަމާއި، ދައުލަތުގެ ބަންޑާރަނައިބުކަމުގެ މަޤާމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ.




