ތިން ރަށެއްގެ ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އއ. މަތިވެރި، ހއ. ފިއްލަދޫ އަދި ބ. ކުޑަރިކިލުގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތް މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ މުހައްމަދު ފަޔާޒެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރެވެ.

ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ

މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށެއްގެ ހޭންޑްބޯލް ކޯޓުގެ މަޝްރޫއުގެ ޖުމްލަ އަގަކީ 1.69 މިލިއަން (1,695,503.50) ރުފިޔާއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ އަމަލީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ. މިއީ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މަޝްރޫއުތަކެކެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރަށްރަށުގައި ހޭންޑްބޯލް ކޯޓު ގާއިމްކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ډރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ. އެމަނިކުފާނު އއ. ހިމަންދޫ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ހޭންޑްބޯލް ކޯޓު ގާއިމްކުރަން ބޭނުންވާ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް