މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން، އިސްތިއުނާފީ މައްސަލަ ހައިކޯޓުން ވަކި ގޮތަކަށް ނިންމަންދެން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
ޕްރިޒަންސް ކްލަބުގެ އެކައުންޓުން 200,000 އަށްވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމުގެ ތުހުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު އާސިފް ވަޒީފާއިން ވަކިކުރުމުން، އޭނާ ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ސިވިލް ކޯޓުން ނިންމާފައިވަނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ އަދުލުވެރިކަމާއެކު ބަލަންޖެހޭ ކަންކަން ނުބަލައި ގޯސްކޮށް ކަމަށެވެ. އެހެންވެ، އޭނާ އަލުން މަގާމަށް އައްޔަންކޮށް، ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދިނުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކުރިއެވެ.
ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ ކޯޓުން މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން، އާސިފަށް އަލުން ވަޒީފާ ދިނުން ހުއްޓުވުމުގެ އަމުރެއް ނެރެފައެވެ. މީގެ ކުރިން ސިވިލް ކޯޓުން އޮތީ މައްސަލަ ނިމެންދެން އެ މަގާމަށް އިތުރު މީހަކު ނެގުންވެސް ހުއްޓުވާފައެވެ.




