ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ "ރިވެލި އެވޯޑު" އަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ހުޅުވާލައިފިއެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް، ސަރުކާރުގެ "އޯގާތެރި މުޖުތަމައު" ސިޔާސަތުގެ ދަށުން އެފަރާތްތައް ބާރުވެރިކުރުވުމަށާއި، ދާއިރާއަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ ގައުމީ ހަރަކާތެކެވެ.
މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަ ކެޓަގަރީއަކުންނެވެ. އޭގެ ތެރޭގައި ގައުމަށް ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާއާއި، ޚިދުމަތްދޭ އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި އިގްތިސާދީގޮތުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.
މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް އާންމުން ހޭލުންތެރިކުރުވައި، މުޖުތަމައުގައި އެފަރާތްތަކުގެ ބައިވެރިވުމާއި އަމިއްލަ މިނިވަންކަން އިތުރުކުރުމަށް މަގުފަހިކުރުމެވެ.
އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އުސޫލުތައް މިނިސްޓްރީގެ ކައުންޓަރުންނާއި، ވެބްސައިޓުގެ އިތުރުން އަތޮޅުތަކުގެ އެފްސީއެސްސީ ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޮގަސްޓު 2026 ގެ މެންދުރުފަހު 13:00 އެވެ. ފޯމު މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.




