ޕީއެންސީގެ މަތީ މަޖިލީހުގައި ވޯޓުލުން ކުރިއަށްދާނީ އަސާސީ ގަވާއިދާ އެއްގޮތަށް: ޕީއެންސީ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން މިކަން ހާމަކޮށްފައިވަނީ މަތީ މަޖިލީހުގައި ވޯޓު ނަގާނެ ގޮތާ މެދު ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ޕާޓީގެ މަތީ މަޖިލީހާއި، ގައުމީ މަޖިލީހުގެ އިތުރުން އެކި ގުނަވަންތަކުގެ ކަންކަން ތަރުތީބުކުރާނެ ގޮތާއި ނިންމުންތައް ނިންމާނެ އުސޫލުތައް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށް، ޕާޓީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އަސާސީ ގަވާއިދުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އަސާސީ ގަވާއިދުގެ ޗެޕްޓަރު 7 އަދި 69 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ހަވާލާދީ ޕީއެންސީން ބުނީ، މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށާއި، ޕާޓީގެ ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ނެގޭނީ އަތް އުފުލައިގެން ނަގާ ހާމަ ވޯޓެއް ކަމަށެވެ.

އެހެންކަމުން ހާމަ ވޯޓެއް ނެގުމަކީ އަސާސީ ގަވާއިދާ ޚިލާފު ކަމެއް ނޫން ކަމަށާއި، އަތް އުފުލައިގެން ވޯޓު ނެގުމަށް ކޮމިޓީއަކުން ނިންމި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

ޕީއެންސީން ވަނީ ޕާޓީގެ އެތެރޭގެ ހިންގުމުގެ ހުރިހާ ކަމެއްވެސް ކުރިއަށްދާނީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަގީންކަން މެންބަރުންނަށް ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް