އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑު (އެގްރޯނެޓް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރުކަމުގެ މަޤާމަށް ޝަޒުހަތު ލަތީފް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަންކޮށްފިއެވެ.
ޝަޒުހަތަކީ 2017 ވަނަ އަހަރުން ފެށިގެން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ޚަރަދުތައް ދިރާސާކުރުމުގެ އިތުރުން ބަޖެޓް ކޮންޓްރޯލް ކުރުމާއި ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ހިމެނެއެވެ. މީގެއިތުރުން ސަރުކާރުގެ އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމާއި، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ މުހިންމު ލިޔުންތައް ތައްޔާރުކުރުމުގައިވެސް އޭނާ އިސް ދައުރެއް އަދާކުރައްވައެވެ.
ތައުލީމީ ފެންވަރަށް ބަލާއިރު، ޝަޒުހަތު ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.




