ޒަކާތު ފަންޑުން ޖޫން މަހު 18.8 މިލިއަން ރުފިޔާ ދޫކޮށްފި

މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން މަހު ޒަކާތުގެ ބެހެނިވެރިންގެ އެކި ދާއިރާތަކަށް ޖުމުލަ 18.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ޒަކާތު ފަންޑުން ފައިސާ ދޫކުރެވުނު ދާއިރާތައް:

  • ފަޤީރުންނާއި މިސްކީނުންނަށް: 16.9 މިލިޔަން ރުފިޔާ

  • ފީ ސަބީފިﷲ: 1.4 މިލިޔަން ރުފިޔާ (މަތީ ތަޢުލީމު، ޤުރުއާން ހިތުދަސްކުރުމާއި ޢިލްމު ފެތުރުން، އަދި ދިރާސާކުރުމަށް)

  • ޢާމިލުންނަށް: 256،000 ރުފިޔާ

  • އިބްނުއްސަބީލަށް: 85،000 ރުފިޔާ

ފަޤީރުންނާއި މިސްކީނުންގެ ބަޔަށް ދޫކުރި 16.9 މިލިއަން ރުފިޔާގެ ތެރެއިން މުދަލު ޒަކާތުގެ ގޮތުގައި 13.1 މިލިއަން ރުފިޔާ ބަހާފައިވާއިރު، ބޯން މެރޯ ޓްރާންސްޕްލާންޓަށް 2.5 މިލިއަން ރުފިޔާ އަދި ބޭސްފަރުވާއަށް 1.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެއިތުރުން ޟަރޫރީ އެހީގެ ގޮތުގައި 62،000 ރުފިޔާ އަދި ދަތި ހާލުގައި އުޅޭ ކިޔަވާކުދިންނަށް 6،450 ރުފިޔާ ދީފައިވެއެވެ.

ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރުގެ ޖޫން މަހު ލިބުނު 10.6 މިލިއަން ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޖޫން މަހުގެ ނިޔަލަށް އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.6 މިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާތީ، މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް