މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް މާދަމާ ފެށުމަށްޓަކައި، އެ މަގުގެ ބައެއް ބަންދުކޮށް، މިރޭ 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ފުލުހުން ބަދަލު ގެނެސްފިއެވެ. މި މަސައްކަތަށްޓަކައި އިއްޒުއްދީން މަގުން ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރި ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް ބަންދުކުރެވޭނެއެވެ.
މަގު ހެދުމުގެ މަސައްކަތް މާދަމާ ފަށާއިރު، މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެ ސަރަހައްދު ބަންދުވާނެ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އެހެންކަމުން ބަންދުކުރާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 12:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ބަދަލުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މާފަށް އެދިފައެވެ.
އަމީނީމަގުގެ ތާރުގަނޑު މައްޗަށް އުފުލި، ބޮޑެތި އަޑިގުޑަންތައް ހެދި ދުއްވާ މީހުންނަށް ނުރައްކާވާތީ، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ޖޫން 15 ގައެވެ. ކުރީގެ ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްގެން ހެދި މި މަގުގެ މަސައްކަތް 2024 ވަނަ އަހަރުގެ ކުރީކޮޅު ނިންމާލި ނަމަވެސް، މަގުގެ ތާރުގަނޑު ވަނީ ވަރަށް އަވަހަށް ހަލާކުވެފައެވެ.



