އުމްރާގެ މާތް އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން، ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ، ސްކޫލު ބަންދާއި ޖުލައި 26 ގެ ބަންދާ ދިމާކޮށް އުމްރާއަށް ދިޔަ ގިނަ އަދަދެއްގެ ދިވެހިން އެނބުރި އަންނަން ފެށުމާ ގުޅިގެންނެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމުނު ޖުލައި މަހުގެ ތެރޭގައި އެކަނިވެސް 5،565 އަށްވުރެ ގިނަ މީހުން ވަނީ އުމްރާއަށް ފުރާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެއް މަސްދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ދިޔަ ފުރަތަމަ ފަހަރެވެ.
އާންމުކޮށް ހައްޖާއި އުމްރާގެ އަޅުކަމަށްފަހު އެނބުރި އަންނައިރު އާންމު ރޯގާޖެހުން އިތުރުވާތީ، އެޗްޕީއޭއިން ވަނީ ސިއްހީ ގޮތުން އިރުޝާދުތަކެއް ދީފައެވެ. އެގޮތުން، އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ޑޮކްޓަރަށް ދައްކާއިރު އުމްރާއިން އެނބުރި އައި މީހެއްކަން އެންގުމަށް ވަނީ އެދިފައެވެ. އަދި ޑޮކްޓަރުގެ އިރުޝާދާ ނުލައި އަމިއްލައަށް އެންޓިބަޔޮޓިކް ބޭނުން ނުކުރުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.
ރޯގާގެ އަލާމާތްތައް ހުރި ނަމަ އެޗްޕީއޭއިން އަމަލުކުރުމަށް އިލްތިމާސްކުރާ މުހިންމު ފިޔަވަޅުތައް:
ރޯގާގެ އަލާމާތް ހުރިނަމަ ގޭގައި މަޑުކުރުމާއި، އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވުން
ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުން
ގިނައިން ދިޔާތަކެތި ބުއިމާއި، އެކަށީގެންވާ ވަރަށް އަރާމުކުރުން
އޭގެ އިތުރުން، ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން އުރައި ކައިރިއަށް ދިއުމާއި، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުންގެ ކައިރިއަށް ދިއުން ފަދަ ކަންކަމުން ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. މި ދުވަސްވަރު ރާއްޖޭގައިވެސް އާންމު ރޯގާތައް އިތުރުވަމުންދާތީ، އެޗްޕީއޭގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ބަލި ފެތުރުން ކުޑަކުރުމަށް އެންމެ މުހިންމު ފިޔަވަޅެވެ.



