ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުން މިހާތަނަށް ޖުމްލަ 5،040 ޓަނުގެ ކުނި އުކާލާފައިވާ ކަމަށް އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް 3،178 ޓަނުގެ ކުނި އުކާލާފައިވާއިރު، މެއި މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 1،862 ޓަނުގެ ކުނި ވަނީ އުކާލާފައެވެ.
އާންމު ސަރަހައްދުތައް ސާފުކުރުމާއި ކުނި ނައްތާލުމުގެ މަސައްކަތަށް މިހާތަނަށް ޖުމްލަ 13,481,557.15 (ތޭރަ މިލިއަން ހަތަރު ސަތޭކަ އަށްޑިހަ އެއް ހާސް ފަސްސަތޭކަ ފަންސާސް ހަތް ރުފިޔާ ފަނަރަ ލާރި) ވަނީ ހަރަދުވެފައެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި މި މަސައްކަތަށް ބޮޑު ހޭދައެއް ކުރަންޖެހުނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އާންމު ސަރަހައްދުތަކަށް އެކި ބާވަތުގެ ކުނި އަޅަމުންދާތީއެވެ.
އެހެންކަމުން، ދައުލަތާއި ކޯޕަރޭޝަނުން ކުރަންޖެހޭ އިސްރާފު ހަރަދުތައް ކުޑަކޮށް، އެންމެންނަށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ކުނި އުކާލުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.



