ކުޅުދުއްފުށީ ސިޓީގެ ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލު ހިލޭކުރުމުގެ އަމާޒުގައި އިޔާދަކުރުވަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ފެށުމަށް އެ ސިޓީ ކައުންސިލުން ވަނީ ތައްޔާރުވެފައެވެ.
"ގޭދޮށު އިންޖީނު"ގެ ނަމުގައި ފަށާ މި މަޝްރޫއަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ވީ ވައުދެކެވެ. ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި އިއުލާނުކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް ޓެންޑާއަށް ހުޅުވާލައި، އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ.
ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އަދި ކައުންސިލް މެންބަރު ރިލްވާން މުހައްމަދު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން ގޭގޭގައި ނުވަތަ ބްލޮކް ލެވެލްގައި ސޯލާ އަދި ބެޓެރީ ހަރުކުރެވި، މުޅިން 'އޮފް-ގްރިޑް' ހައިބްރިޑް ނިޒާމެއް ގާއިމުކުރެވޭނެއެވެ. މީގެ ސަބަބުން ފުރަތަމަ ދުވަހުން ފެށިގެންވެސް ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެއެވެ. އަދި އިންސްޓޯލްމަންޓަށް ފައިސާ ދައްކައި ނިމުމުން، 4 އަހަރު ފަހުން އެ ގޭބިސީތަކަށް ހިލޭ ކަރަންޓު ލިބޭނެ ގޮތް ފަހިވެގެންދާނެއެވެ.
1,700 އަށްވުރެ ގިނަ ގޭބިސީ ހުންނަ ކުޅުދުއްފުށީގައި ފަށާ މި މަޝްރޫއުގެ ސަބަބުން، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އަމިއްލައަށް ހަކަތަ އުފެއްދުމުގެ ފުރުސަތު ލިބި، އިއާދަކުރެވޭ ހަކަތައިން އާމްދަނީ ހޯދުމުގެ މަގުވެސް ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.




